ޚަބަރު

އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 34 ވަނަ ސެޝަން

27 ފެބްރުއަރީ 2017، ޖެނީވާ Ref: 2017-082

އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލް ގެ 34 ވަނަ ސެޝަން މިއަދު ސްވިޓްޒަލޭންޑްގެ ޖެނީވާގައި ފަށައިގެން ކުރިއަށް އެބަދެއެވެ. ހަތަރު ހަފްތާއަށް ދެމިގެންދާ މި ސެޝަން ނިމޭނީ އަންނަ މާޗް މަހުގެ 24 ގައެވެ.

ޖެނީވާގައި ކުރިއަށްދާ މި ސެޝަންގެ ހައިލެވެލް ސެގްމެންޓްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް މިއަދު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންސާނީ ހައްގުތަކާބެހޭ މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މިނިސްޓަރ ޑރ. މުހައްމަދު އާސިމް ޖެނީވާއަށް ކުރައްވާ މި ދަތުރުފުޅުގައި މިސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ އިސް ފަރާތްތަކާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 މި ބައްދަލުވުމުގެ ތެރޭގައި އިންސާނީ ހައްގުތަކާއި ބެހޭ މުހިންމު މައްސަލަތަކާއި ގުޅޭގޮތުން ބާއްވާ ބަހުސްތަކާއި، ޕެނަލް ޑިސްކަޝަންސް އަދި ތަފާތު މަޝްވަރާތަކުގައި ދިވެހިރާއްޖޭން ބައިވެރިވާނެއެވެ. މި ގޮތުން އެހެން ގައުމުތަކާއި ގުޅިގެން، "ވޮލެންޓަރީ ޓްރަސްޓް ފަންޑް ފޯ ޓެކްނިކަލް އެސިސްޓެންސް އެންޑް ކެޕާސިޓީ ބިލްޑިންގ ފޯ އެލް.ޑީ.ސީސް އެންޑް ސިޑްސް އެންޑް އޮން އެންވަޔަރޮމެންޓް އެންޑް ހިއުމަން ރައިޓްސް"އަށް ފަސްއަހަރު ވުމާ ގުޅިގެން ހުށައެޅޭ ރިޒޮލިއިޝަނާ ގުޅޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާ ބައްދަލުވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާނީ ދިވެހިރާއްޖެއިންނެވެ.

ހަމަ އެހެންމެ، ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކުގެ އިންސާނީ ހައްގު ތަކާ ގުޅޭގޮތުން ބޭއްވޭ ހައިލެވެލް ޕެނަލް ޑިސްކަޝަން "ދި ހިއުމަން ރައިޓްސް ޗެލެންޖެސް ފޭސްޑް ބައި އިންޑިވިޖުއަލްސް ސަފަރިން ތެލަސީމިއާ، އިންކްލޫޑިން އަންފެއާ އެންޑް ޑިސްކްރިމިނޭޓަރީ ޓްރީޓްމަންޓް" ގައި ބައިވެރިވެ ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ސެޝަންގެ ތެރޭގައި ހިންގުމަށް ހަމަޖެހިގައިވާ އެހެނިހެން ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ގުޅިގެން، އިންސާނީ ހައްގުތަކާ ބެހޭ 34 ވަނަ ސެޝަންއަށް ޓްރަސްޓް ފަންޑް އެހީގައި ކުދި ގައުމުތަކުންނާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން ވަޑައިގެންނެވި ވަފުދުތަކަށް 28 ފެބްރުއަރީ 2017 ގައި ބޭއްވޭ ހަފްލާ ކޯ ހޯސްޓް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގައި އިސްކަންދެވޭ އަދި މުހިންމު ކަންތައްތަކަށް ބަލާ، ދިވެހިރާއްޖޭން އިތުރު  ރިޒޮލިއުޝަންތައްވެސް ކޯ ސްޕޮންސަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެމްބަރުކަން ޖެހިޖެހިގެން ދެ އަހަރު ކުރުމަށްފަހު، 2017 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ މެމްބަރު ކަމުގެ ދައުރު ވަނީ ހަމަވެފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960