ޚަބަރު

އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިހާބުވެއްޖެ

Ref: 2025/PR/139

އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަން (ސެޕްޓެމްބަރު 2025 - ސެޕްޓެމްބަރު 2026 ދައުރު) ގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. 

މިއަދު އެމެރިކާގެ ނިއުޔޯކްގައި ބޭއްވުނު އިންތިޚާބުގައި މި ސެޝަންއަށް އޭޝިއާ-ޕެސިފިކް ގްރޫޕަށް ހާއްސަކުރެވިފައިވާ ފަސް ގޮނޑިއަށް ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ލުބްނާން، ސައުދީ އަރަބިއްޔާ އަދި ޓިމޯރ-ލެސްޓޭ ވަނީ އިންތިޚާބުވެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހަކީ ދިވެހިރާއްޖެއަށް އ.ދ. ގެ މެންބަރުކަން ލިބުނުތާ 60 އަހަރު ފުރޭ ތާރީޚީ ދުވަސްކަމުން، 80 ވަނަ ސެޝަންގެ ނާއިބު ރައީސްކަން ކުރުމަށް އިންތިޚާބުވެގެންދިއުމަކީ ރާއްޖެއަށް ލިބުނު ޚާއްސަ ފަޚުރެކެވެ. އ.ދ. ގެ އިސް މަޤާމުތައް އަދާކުރުމުގެ ޤާބިލްކަން ރާއްޖެއަށް ލިބިފައިވާކަން ދައްކައިދޭ ހެއްކެކެވެ. 

ޢާންމު މަޖިލީހުގެ ނާއިބު ރައީސެއްގެ ހައިސިއްޔަތުން، އާންމު މަޖިލީހުގެ އެކިއެކި ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހެއްޓުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެއެވެ. އ.ދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންނަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ހަވާލުކުރެވޭނީ، އާންމު މަޖިލީހުގެ ރައީސް ނެތް ހާލަތްތަކުގައާއި އެމަނިކުފާނަށް މަސްއޫލިއްޔަތުތައް އަދާކުރުމަށް އުނދަގޫވެފައިވާ ހާލަތްތަކުގައެވެ. އަދި ކޮންމެ ސެޝަނަކަށް 21 ނައިބު ރައީސުން އިންތިހާބުކުރެއެވެ. އެއީ އެފްރިކާ ސަރަހައްދުގެ ޤައުމުތަކުން 6 މެންބަރުން، އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުން 5 މެންބަރުން، ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގެ ޤައުމުތަކުން 2 މެންބަރުން، ހުޅަނގު ޔޫރަޕް އަދި އެހެނިހެން ޤައުމުތަކުން 2 މެންބަރުން، އިރުމަތީ ޔޫރަޕްގެ ޤައުމުތަކުން 1 މެންބަރު، އަދި އ.ދ. ގެ ސަލާމަތީ މަޖިލީހުގެ 5 ދާއިމީ މެންބަރުން - އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960