19 ފެބްރުއަރީ 2017، މާލެ، Ref: 2017-066
ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒު، ހިޒް އެކްސަލަންސީ މރ. ކޮންގް ޒުއާންޔޫ ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ދެމެދު ބޭއްވި 6 ވަނަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެންދުންތެރިކަން ކުރިއެރުވުމަށާއި، ޓުއަރިޒަމް ކުރިއެރުވުމަށާއި، އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަދި ވިޔަފާރި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ދެ ޕްރޮޖެކްޓްކަމުގައިވާ "މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓް" އާއި "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓް" އާއި ގުޅޭ މަޝްވަރާތައްވެސް ކުރެވުނެވެ. އަދި މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 45 އަހަރުފުރުން ފާހަގަ ކުރާ އަހަރު ކަމަށްވާތީ، މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމަށްޓަކައި އެކިއެކި ހަރަކާތްތައް ބޭއްވުމާގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްެގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައި އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު އާޞިމް އާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައިވާ ގާތްގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެއާޒްގެ މި ދަތުރުފުޅުގައި، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ހިމެނޭ "މޯލްޑިވްސް – ޗައިނާ ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓް" އާއި "ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓް" އަދި ހުޅުމާލެ "ހައުސިން ޕްރޮޖެކްޓް" ގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.