19 ފެބްރުއަރީ 2017، މާލެ، - Ref: 2017-063
މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު ޢާޞިމް ގެ އަރިހަށް ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ މރ. ކޮންގް ޒުއާންޔޫ އާއި މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފިއެވެ.
މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ޚިޔާލުބަދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުވުމަށްޓަކައި ޗައިނާ ސަރުކާރުން ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ޑރ މުޙައްމަދު އާޞިމް ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ، ބައިލެޓަރަލް، އަލްފާޟިލް އަޙުމަދު ޚަލީލް އާއި ޖޮއިންޓް ސެކްރެޓަރީ، އަލްފާޟިލާ އައިޝަތު އަޒީމާ އަދި ޑިރެކްޓަރ، އަލްފާޟިލް އަޙުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެއާޒް، ހިޒް އެކްސަލަންސީ މރ. ކޮންގް ޒުއާންޔޫގެ ޝަރަފުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. މުޙައްމަދު ޢާޞިމް މެންދުރުގެ ފަރިއްކޮޅެއް ދެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.