ޚަބަރު

ބޫޓާންގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2024/PR/396

ބޫޓާން ގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޓަރނަލް ޓްރޭޑް، ލިއޮންޕޯ ޑީ. އެން. ދުންގްޔެލް އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"ބޫޓާން ގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ބޫޓާންގެ ސަރުކާރަށާއި ބޫޓާނުގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. އަދި މި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށްޓަކައި ދެ ޤައުމުން އިސްކަންދޭ ކަންތައް ތަކުގައި ވަކިން ޚާއްޞަކޮށް މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ އަސަރުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގައި މަނިކުފާނާއެކު މަސައްކަތް ކުރުމަށް ބޭނުންވާ ވާހަކަ ދަންނަވަމެވެ.  

މި އުފާވެރި މުނާޞަބަތުގައި، ބޫޓާންގެ ރައްޔިތުންނަށް އަމާންކަމާއި، އުފާ ފާގަތިކަމާއި، އިތުރު ކުރިއެރުން ލިބުމަށް އެދެމެވެ.   

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960