ޚަބަރު

ބެލްޖިއަމްގެ އައު ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ވިޖާޅުވެއްޖެ

Ref: 2024/PR/379

ބެލްޖިއަމްގެ އައު ޚާރިޖީ ވަޒީރުގެ މަޤާމަށް އައްޔަނުކުރެވިފައިވާ ބާރނާޑް ކުއިންޓިން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ބެލްޖިއަމްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޔޫރަޕިއއަން އެފެއާޒް، ފޮރިން ޓްރޭޑް އަދ ފެޑެރަލް ކަލްޗަރަލް އިންސްޓިޓިއުޝަންސް ކަމުގެ މަޤާމަށް މަނިކުފާނު އައްޔަނު ކުރެއްވުމާ ގުޅިގެން ތަހުނިޔާ އަރިސްކުރަމެވެ. 

1977 ވަނަ އަހަރު ދިވެހިރާއްޖެއާއި ބެލްޖިއަމް އާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީއްސުރެން ދެޤައުމުގެ ދެމެދުގައި ގާތް ގުޅުމެއް އުފެދި، ދެޤައުމުގެ މެދުގައި އޮންނަނީ އިޙްތިރާމާއި، ވިސްނުންތެރިކަމާއި، ހެޔޮއެދުންތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. އަދި ދެ ޤައުމަށް ފައިދާކުރުވަނި ކަންކަމުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މައިދާނުގައި މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރަމެވެ. 

ދިވެހިރާއްޖެއާއި ބެލްޖިއަމްގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި މަނިކުފާނާ ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު ދެމިހުންނާނެކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ. 

‏‎މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ބެލްޖިއަމްގެ ރައްޔިތުންނަށް އިތުރު ސުލްހަ އާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960