ޚަބަރު

ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުންދާ 28 ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ރަޖިސްޓްރީ ކުރުމުގެ މައްސަލަ ބަންގްލަދޭޝް ސަރުކާރުން ހައްލު ކޮށްދެއްވައިފި

21 އޭޕްރިލް 2017 ، މާލެ،

ބަންގްލަދޭޝް ގެ ޗިޓަގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ހަދަމުންދާ ދިވެހި ކިޔަވާ ކުދިންނަށް ދިމާވެފައިވާ ރެޖިސްޓްރޭޝަން ގެ މައްސަލައާ ގުޅޭގޮތުން ބަންގްލަދޭޝް ގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާރ އިން އިއްޔެ މައްސަލަ ހައްލުކުރުމަށް ފުރުސަތު ދެއްވައި، އެކަން ވަނީ އެ ޔުނިވަރސިޓީ އަށް އަންގަވާފައެވެ. އަދި ބަންގްލަދޭޝް ސަރުކާރުން އަންގަވާފައިވާ ހަމަތަކުގެ މަތިން މިހާރު އެ

ޔުނިވަރސިޓީގައި މެޑިސިން ހަދަމުންދާ 28 ދިވެހި ކިޔަވާ ކުދިންގެ މައްސަލަ ހައްލު ކޮށްދެއްވާނެކަމުގެ ޔަގީންކަން އެ ޔުނިވަސިޓީ އިން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުމުންވެސް ވަނީ ދެއްވާފައެވެ.

މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ފާއިތުވި 5 މަސް ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ގެންދެވީ ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، ދިވެހިރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ އާއިޝަތު ޝާން ޝާކިރު، ބަންގްލަދޭޝް ސަރުކާރުގެ ކަމާބެހޭ ބޭފުޅުންގެ އިތުރުން ޗިޓަގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ގެ ވައިސް ޗާންސެލަރއާ ބައްދަލުކުރައްވާ މައްސަލައަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން، އެ ޔުނިވަރސިޓީގައި ތައުލީމް ހާސިލް ކުރަމުންގެންދާ ދިވެހި ދަރިވަރުންނާއި މި ކުދިންގެ ބެލެނިވެރިންނާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް އާއި މިނިސްޓްރީ ގެ އިސް ބޭފުޅުން އެކިފަހަރުމަތިން ބައްދަލު ކުރައްވައި މައްސަލަ އާ ގުޅޭގޮތުން ސައްހަ މަޢުލޫމާތު ފޯރުކޮށްދެއްވަމުން ގެންދަވާފައިވެއެވެ.    

ޗިޓަގޮންގް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިންހަދާ އެކި ޤައުމު ތަކުގެ ދަރިވަރުން ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ މައްސަލަ މީގެ ކުރިންވެސް ވަނީ ދިމާވެފައެވެ. މިގޮތުން 2014 ވަނަ އަހަރު ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ޤަވާއިދުތަކާ ޚިލާފުވެގެން އެ ޔުނިވަރސިޓީވަނީ ބަންދުކޮށްފައެވެ. އަދި މިހާރު ޔުނިވަރސިޓީ ހުޅުވުމުގެ ހުއްދަ ދެއްވާފައިވަނީ ގިނަ ޝަރުތުތަކެއް ފުރިހަމަ ކުރުމުންނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960