Ref: 2025/PR/304
ބަންގްލަދޭޝް އިން ދިވެހިރާއްޖެ އަށް ކަނޑައެޅުއްވި އައު ސަފީރު ޑޮކްޓަރ އެމް.ޑީ. ނަޒްމުލް އިސްލާމް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރ ޑރ. ޚަލީލު ވަނީ ސަފީރު ޑރ. އިސްލާމް، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމުން އެކަމަށް ތަހުނިޔާ ވިދާޅުވެފައެވެ. މިނިސްޓަރ ޑރ. ޚަލީލުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މުސްތަޤްބަލުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރު ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކުން، ޚާއްޞަކޮށް ތައުލީމީ، އިޤްތިޞާދީ އަދ ޘަޤާފީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރާނެގޮތްތަކާއިމެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ލާބަޔާއި މަންފާއަށް، އިސްކަންދޭ ދާއިރާތަކާއި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ދެބޭފުޅުން ވާހަކަ ދެއްކެވިއެވެ.
މިނިސްޓަރ ޚަލީލް ގެ އަރިހުގައި، ސެކްރެޓަރީ އާމިނަތު ޝަބީނާ އާއި އެމްބެސެޑަރ-އެޓް-ލާޖް ޑރ. މުހައްމަދު ފަހުމީ ޙަސަން އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުﷲ ދީދީ އަދި ޕޮލިޓިކަލް ޑިރެކްޓަރ މުހައްމަދު އަޒްކާން އަޝްރަފު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ