Ref: 2024/PR/288
އަޒަރުބައިޖާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު އެލްޗިން ނަރިމަނޮގްލޫ ހުސޭންލީ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އަޒަރުބައިޖާންގެ އައު ސަފީރަށް އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އަޒަރުބައިޖާންއާއި ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތްކުރުމަށް މަޝްވަރާ ކުރެއްވިއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާ އާއި ސަގާފަތް އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް، ބައިނަލް އަޤްވާމީ މަސްރަޚުގައިވެސް އެކުއެކީގައި މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މިނިސްޓަރ ޒަމީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސެކްރެޓަރީ، ބައިލެޓެރަލް، ޑރ ހާލާ ޙަމީދު، އަދި އެސިސްޓަންޓް ޑިރެކްޓަރ ހަދީޖާ ނިޒްވީ ރަޝީދު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ