ޚަބަރު

އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މިއަދު ބޭއްވި އޯ.އައި.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯ.އައި.ސީ.ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އެ ޖަމުޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ޚަލީލް ބައިވެރިވެވަޑައިގެން އެ ބައްދަލުވުމުގައި ތަޤްރީރުކުރެއްވިއެވެ.

އެމަނިކުފާނުގެ ތަޤްރީރުގައި އެ އަމަލުތަކަކީ އ.ދ.ގެ ސަލާމަތީ މަޖިލީހާއި ޢާއްމު މަޖިލީހުގެ ޤަރާރުތަކާ ޚިލާފު އަމަލުތަކެއްކަން ބަޔާންކޮށް، އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. ހަމައެއާއެކު އިސްރާއީލުން ގާޒާގައި ޤަވައިދާ ޚިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށްވެސް ގޮވާލެއްވިއެވެ.

އަދި، އެ މަނިކުފާނުގެ ތަޤްރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެހެން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

Tags :

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960