ޚަބަރު

އައި.ޔޫ.ސީ.އެން. ވަރލްޑް ކޮންޒަރވޭޝަން ކޮންގްރެސް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ބައިވެރިވެވަޑައިގެންފި
Featured

އައި.ޔޫ.ސީ.އެން. ވަރލްޑް ކޮންޒަރވޭޝަން ކޮންގްރެސް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ބައިވެރިވެވަޑައިގެންފި

Ref: 2025/PR/307

09 އޮކްޓޫބަރު 2025

އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން.) އިން މިއަދު އެކުވެރި އަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީގައި ބޭއްވި ވަރލްޑް ކޮންޒަވޭޝަން ކޮންގްރެސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ. 

 

ވަރލްޑް ކޮންޒަވޭޝަން ކޮންގްރެސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މި ރަސްމިއްޔާތުގައި ޕަލާއު ގެ ރައީސް ސުރަންގެލް ވިޕްސް ޖރ.، އެކުވެރި އަރަބި އިމާރާތުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ޑރ. އަމީނާ ބިންތި އަބްދުﷲ އަލް ދައްހަކް، ޕެނަމާގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޚުއާން ކަރލޯސް ނަވާރޯ، އައި.ޔޫ.ސީ.އެން.ގެ ރައީސް ރަޒާން އަލް މުބާރަކް ތަޤްރީރުކުރެއްވިއެވެ. އަދި މީގެ އިތުރުން މި ރަސްމިއްޔާތުގައި އެކުވެރި އަރަބި އިމާރާތުގެ އަބޫ ދާބީ ގެ ވަލީ އަޙްދު ޝެއިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

 

އައި.ޔޫ.ސީ.އެން. އަކީ 1400 އަށްވުރެ ގިނަ މެމްބަރު ޖަމްޢިއްޔާތަކާއި 1700 އަށްވުރެ ގިނަ ތަޖުރިބާކާރުން ހިމެނޭ، ދުނިޔޭގެ އެންމެ ބޮޑު އެއް ތިމާވެށީގެ ނެޓްވަރކްއެކެވެ. މި ޖަމުޢިއްޔާގެ ސްޓޭޓް މެމްބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 2022 ވަނަ އަހަރެވެ.

 

އައި.ޔޫ.ސީ.އެން. ވަރލްޑް ކޮންޒަވޭޝަން ކޮންގްރެސްއަކީ ޤައުމުތަކުގެ ސަރުކާރުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަމިއްލަ ޖަމާޢަތްތަކާއި، އަދި މި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، މުހިންމު މައުޟޫޢުތަކަށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މުހިންމު ފަސް ދާއިރާއަކަށެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކާއި، ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމާއި، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960