އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އެންދުމާއިގުޅިގެން މިކަން އިތުރަށް ތަކުރާރު ވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯ.އައި.ސީ. ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އެ ޖަމުއިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖޭގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ޚަލީލް ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި ސްވިޑެންގައި މުޞްޙަފް އެންދި މައްސަލައާ ގުޅޭގޮތުން އެ މަނިކުފާނު ވަނީ ތަޤްރީރު ކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤްރީރުގައި އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ސްވިޑެންގައި މުޞްޙަފް އަންދައި ހިންގައިފައިވާ މި ހަޑިހުތުރު އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން މިފަދަ އިޙްތިރާމް ކުޑަ ޢަމަލު ތަކުރާރުވުމަކީވެސް މުޅި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ ޝުޢޫރުތަކަށް އަނިޔާވާ ކަމެއް ކަމަށާއި، ހަމައެކަނި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް މިފަދަ އަމަލުތައް ހިންގުމަށް ހުއްދަ ދިނުމަކީ ބަލައިނުގަނެވޭނެ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ ނަފްރަތު އުފެދޭ އަމަލުތައް ނިމުމަކަށް ގެނައުމަށްވެސް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލަމުންދާކަން ފާހަގަކުރެއްވިއެވެ.