ޚަބަރު

ދިވެހި ސަފީރުންގެ މަހާސިންތާ 2017

ފުރަތަމަ ދުވަހާ ގުޅޭ ނޫސްބަޔާން

“މި ރާއްޖެއަކީ  އިންވެސްޓް ކުރާ ފަރާތްތަކުގެ މަންޒިލެއްގެ ގޮތުގައި ކުރިއަރުވުމުގެ މުހިންމުކަން ބޮޑު” މިނިސްޓަރ އާސިމް

19 އޭޕްރިލް 2017، މާލެ

ދިވެހިރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރު ކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި، އަދި އިންވެސްޓްމަންޓުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ ޝިޢާރުގެ ދަށުން މިއަދު ފެށުނު ދިވެހި ސަފީރުންގެ އަހަރީ މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ މުހަންމަދު އާސިމް ވަނީ ޚާރިޖީއްޔާގެ މިސްރާބު ބައްޓަން ކުރެވެމުންދާ ގޮތާއި ލިބެމުންދާ ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުންވެސް ސަރުކާރުގެ

ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ދިވެހި ސަފީރުންނާއި އަދި މުޅި ޚާރިޖިއްޔާގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިނިސްޓަރ އާސިމްވަނީ ދިވެހި ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އުސޫލުތައް ފާހަގަކުރައްވައި އަދި ޚާރިޖިއްޔާ ހަރުދަނާ ކުރުމަށް އެމަނިކުފާނު ދެއްވާ އަހަައްމިއްޔަތުކަމަށް ޝުކުރު ދަންނަވާފައެވެ. އަދި މި މަހާސިންތާއަކީ، އޭގެ ސަބަބުން ދިވެހި ސަފީރުން ބޭރުގައި ތިއްބަވައިގެން ކުރައްވާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމުގައި ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. މިއަދުގެ ސެޝަންތަކުގައި ފަތުރުވެރިކަން ޕްރޮމޯޓުކުރުމާއި ފަތުރުވެރިކަމަށް އިންވެސްޓްކުރުމާއ،ި ރާއްޖެއަށް އެހެނިހެން ދާއިރާތަކަށް އިންވެސްޓުކުރުމަށް ހުޅުވާލެވިފައިވާ ދޮރުތަކާ ގުޅޭގޮތުން އެ ދާއިރާތަކުގެ ވަޒީރުންނާއި، އެ ދާއިރާތަކުގެ އިސް ބޭފުޅުންނާއި އަދި ފަންނީ ބޭފުޅުން މައުލޫމާތު ދެއްވައިފައިވެއެވެ. އަދި ސަފީރުންނަށް މި ރޮނގުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި މަސައްކަތަށް މިހާރު ހުރި ގޮންޖެހުންތަކާއި ދަތިތަކަށް ރިޢާޔަތްކޮށް ކުރިއަށް އޮތް ތަނުގައި އެކަންތައްތައް ހައްލު ކުރާނެ ގޮތާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ. މީގެ އިތުރުން މިއަދުގެ ސެޝަންތަކުގައި ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މަސްރަހުގައި ގެންގުޅޭ ތަފާތު ޕޮޒިޝަންތަކާ ގުޅޭގޮތުން، ޚާއްސަކޮށް އިންސާނީ ޙައްގުތައް ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކަށް އެކަމާ ގުޅޭ ދާއިރާގެ ވަޒީރުންނާއި ފަންނީ ބޭފުޅުން މައުލޫމާތު ދެއްވައި، ޚާރިޖިއްޔާ އިތުރަށް ހަރުދަނާ ކުރުުމަށް މަޝްވަރާ ކުރެވުނެވެ.

މި މަހާސިންތާ ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ޓުއަރިޒަމާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްއާ ގުޅިގެންނެވެ. މި މަހާސިންތާގައި ދުނިޔޭގެ 15 ގައުމެއްގައި ތިއްބަވާ 14 ސަފީރުންނާއި 1 ކޮންސުލް ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960