ޚަބަރު

ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުމަކަށް ގެނައުމަށް އ.ދ. އަށް ގޮވާލައި އ.ދ. ގެ ޢާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ތަޤުރީރުކޮށްފި

ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުމަކަށް ގެނައުމަށް އ.ދ. އަށް ގޮވާލައި އ.ދ. ގެ ޢާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ތަޤުރީރުކޮށްފި

ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކާ ގުޅޭގޮތުން މަޝްވަރާކޮށް މިމައްސަލައަށް ހައްލު ހޯދުމަށް އ.ދ.ގެ މައި މަރުކަޒުގައި ގައި ކުރިއަށްދާ އެޖަމްޢިއްޔާގެ ޢާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި އ.ދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޛާ ޙުސައިން ތަޤްރީރުކުރައްވައިފިއެވެ.

 

ދާއިމީ މަންދޫބު ތިލްމީޛާގެ ތަޤްރީރުގައި ޣައްޒާގެ ރައްޔިތުން މިއަދު ތަހައްމަލުކުރަމުންދާ އަނިޔާތަކަކީ އިސްރާއީލް އިން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ފަލަސްޠީނަށް ކުރިމަތިކުރަން ފެށި ލޭއޮހޮރުވުމާއި ފިއްތުންތަކުގެ ނަތީޖާއެއްކަމުގައި  ސިފަކުރައްވާފައިވެއެވެ. އަދި މިހަމަނުޖެހުމުގެ ޝިކާރައަކަށްވެފައިވާ ޣައްޒާގެ 2 މިލިއަން ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަން ފާހަގަކުރައްވައި އެކަމާމެދު ރާއްޖޭގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

 

އަދި، އިސްރާއީލް އިން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ގެއްލެމުންދާ މަޢުސޫމު ފުރާނަތަކަކީ ހަމައެކަނި ހަނގުރާމައެއްގެ ސަބަބުން ލިބެމުންދާ ގެއްލުމެއްކަމުގައި ދެކި، އެކަން ހުއްޓުމަކަށް ގެނައުމަށް ނުކުޅެދޭ ކޮންމެ މުޖުތަމަޢެއްގެ ތެދުވެރިކަމާ ނަޒާހާތްތެރިކަމާމެދުވެސް އެކަމަނާ ވަނީ ސުވާލުއުފައްދަވާފައެވެ. އަދި އެފަދައިން މިޢަމަލުތައް ބަލައިގަތުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހަމަތަކާއި އުޞޫލުތަކާ މުޅިން ޚިލާފުކަމެއްކަމުގައިވެސް ރާއްޖެއިން ވަނީ ފާހަގަ ކޮށްފައެވެ.

 

މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި، ސިއްޙީ ފަރުވާދޭ އެކި މަރުކަޒުތަކަށާއި، ޖަބަލިއާ ރެފިއުޖީ ކޭމްޕް ފަދަ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި، އަޅުކަންކުރާ ތަންތަނުގެ އިތުރުން އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިސްރާއީލް އިން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަން ހާމަކުރައްވާފައެވެ. 

 

ދާއިމީ މަންދޫބު ތިލްމީޛާގެ ވާހަކަފުޅު ނިންމެވުމުގެ ކުރިން އެކަމަނާ ވަނީ ހަލަބޮލި ސިޔާސީ މަޝްރަހެއްގެ ތެރޭގައި ހަމަޖެހުމާއި އިންސާފު ޤާއިމުކުރުމަށް އ.ދ. ގެ ޢާންމު މަޖިލީހުން ހިތްވަރާއެކު މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. ހަމައެއާއެކު، ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށް އ.ދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށްވެސް އެކަމަނާ ގޮވާލައްވާފައިވެއެވެ.

 

ދިވެހިރާއްޖެއިން ވަނީ އިސްރާއީލް އިން ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސް، ޣައްޒާއަށް އިންސާނީ އެހީ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ގޮވާލާ އ.ދ. ގެ ޢާންމު މަޖިލީހުން 27 އޮކްޓޯބަރ 2023 ގައި ފާސްކޮށްފައިވާ ޤަރާރަށް ތާޢީދުކޮށް މި ޤަރާރު ކޯ-ސްޕޮންސަރވެސް ކޮށްފައެވެ.  

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960