ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)

ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) 

27  އޮކްޓޯބަރު 2021 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކޮށް ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 14 ނޮވެމްބަރު 2021 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު ތަޞްދީޤު ކުރައްވާފައިވާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަށް  15 މެއި 2022 އިން ފެށިގެން މިދަނީ ޢަމަލު ކުރަމުންނެވެ. އަދި ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިންގަމުން އައި ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ (ފޮސިމް) އެންމެހާ މަސައްކަތްތައް ޤާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށްގެންދެވޭ އިންސްޓިޓިއުޓަކަށް މިހާރުމިވަނީ ބަދަލު ވެފައެވެ. 

ފޮރިން ސާރވިސް އިންސްޓިޓިއުޓްގެ މަސައްކަތްތައް ފެށުނީއްސުރެ، ފޮސިމްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޙާރިޖީ ދާއިރާގެ ހިންގުން ކުރިއަރުވައި ތަރައްގީ ކުރުމާއި މި ދާއިރާގައި، ގާބިލު، ހުނަރު ލިބިގެންވާ  މުވައްޒަފުން ބިނާ ކުރުމުގެ މަސައްކަތައް ދަނީ ކުރެވެމުންނެވެ. ފޮރިން ސާރވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ފޮރިން ސާރވިސް ޤާނޫނުގެ މަގްޞަދުތައް ހާސިލް ކުރުމަށާއި އަދި ދުނިޔެ ގަބޫލު ކުރާ ފެންވަރުގެ ރަނގަޅު ޑިޕްލޮމެޓުން ތަކެއް އުފައްދައި ޕްރޮފެޝަނަލް ފޮރިން ސަރވިސް އެއް ކުރިއެރުވުމަށް ބޭނުންވާ ޙާއްޞަ ތަމްރީނާއި، ހުނަރާއި ތަޖުރިބާ، ފޮރިން ސަރވިސްގެ މުވައްޒަފުންނަށް ދިނުމާއި، ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް އެކުލަވާލައި، ދަމަހައްޓައި، ކުރިއެރުވުމަށް ފޮރިން ސާރވިސް އިންސްޓިޓިއުޓްގެ ރޯލު އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމުގެ މަސައްކަތްތައް ފޮސިމްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.  

މަގްސަދު 
  • ފޮރިން ސާރވިސްގެ މުވައްޒަފުންނާއި، ފޮރިން ސާރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ  އެންމެހައި މުވައްޒަފުންނަކީ ފޮރިން ސާރވިސްގެ މަގްސަދުތައް ޙާސިލުކުރެވޭ ފަދަ ޙާއްސަ ތަމްރީނާއި، ހުނަރާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ދޭންޖެހޭ އެންމެހައި ތަމްރީން ދިނުން 
  • ބައިނަލްއަޤްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއަށް ލިބެންހުރި ފުރުސަތުތަކާ ބެހޭގޮތުންނާއި، އެފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދިވެހިރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ގޮތެއްގެ މަތިން ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއެރުވޭނެ ގޮތްތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުން
  • ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި،  އެ ސިޔާސަތާއި ގުޅޭ މުހިންމު މައުޟޫތަކަށާއި، ދުނިޔޭގައި އެއިރެއްގައި ހިނގާ މުހިއްމު މައްސަލަތަކާ ގުޅޭދިރާސާ ކުރުމާއި، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާއިގުޅޭ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އެހެން އިދާރާތަކާއި، އާންމުންނާއި، ކިޔަވާކުދިން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960