ޚަބަރު

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 45 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

Ref: 2024/PR/13

ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އ.ދ ގެ އޮފީހުގައި މިހާރު ކުރިއަށްދާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ 45 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ސެޝަން ހިނގަމުންދާނީ ޖެނުއަރީ މަހުގެ 22 އިން ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސެޝަންގައި 14 ޤައުމެއް ރިވިއު ކުރުމަށްވަނީ ހަމަޖެހިފައެވެ. މިފަހަރު ރިވިއު ކުރެވޭ 14 ޤައުމަކީ ބެލީޒް، ޗެޑް، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޗައިނާ، ކޮންގޯ(ރިޕަބްލިކް އޮފް)، ޖޯޑަން، މެލޭޝިއާ، މޯލްޓާ، މޮރިޝަސް، މޮނާކޯ، މެކްސިކޯ، ނައިޖީރިއާ، ސައޫދީ އަރަބިއާ އަދި ސެނަގަލްއެވެ. 

ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރް.) އަކީ އ.ދ. ގެ މެމްބަރު ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ދެނެގަންނަ ނިޒާމެކެވެ. ޔޫ.ޕީ.އާރް.ގައި، އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ސަރުކާރުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އ.ދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލަށް ހުށަހެޅުމަށް ހުރިހާ ޤައުމުތަކަށް ފުރުސަތު ލިބެއެވެ. މީގެ ބޭނުމަކީ ހުރިހާ ޤައުމުތަކެއްގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ދެނެގަނެ އިސްލާހުކުރުމަށްޓަކައި ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމެވެ. އަދި ޔޫ.ޕީ.އާރް. ނިޒާމް ޤާއިމްވެފައިވަނީ ޤައުމުތަކުގެ އެސެސްމަންޓް ހެދުމުގައި ހުރިހާ ޤައުމުތަކަކަށްވެސް އެއް ހަމަޔަކުން އަމަލުކުރުމުގެ އުޞޫލަކުންނެވެ. ރިވިއުކުރުމަށް ހަމަޖެހިފައިވާ ގައުމުތައް ރިވިއުކުރުމަށް އެހީތެރިވުމުގެ ގޮތުން ހިއުމަން ރައިޓްސް ކައުންސިލްގެ ތިން މެމްބަރުންގެ މައްޗަށް އެކުލަވާލެވޭ 'ޓްރޮއިކާ"  ތަކަކުން ހަރަކާތްތެރިވެއެވެ. އެގޮތުން ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ރިޕަބްލިކް އޮފް ކޮންގޯ ގެ ރިވިއުގައި އެހީތެރިވުމަށް ހިއުމަން ރައިޓްސް ކައުންސިލުންވަނީ ކަނޑަޅާފައެވެ.

ދިވެހިރާއްޖޭގެ ފަރާތުން ޔޫ.ޕީ.އާރް ސެޝަންގައި ބައިވެރިވެވަޑައިގަންނަވާނީ ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ޝާޒޭ ޑެ ފެއާ އާދަމް ހާމިދް އާއި ކައުންސެލަރ އައިމިނަތު ޝިފާޔާ އިބްރާހީމާއި، ސެކަންޑް ސެކްރެޓަރީ މަރްޔަމް ފާތިކާ ފަޔާޒް، އަދި އެޓާޝޭ ރާއިދު ސަޢީދެވެ. 

އ.ދ ގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ވަރކިން ގްރޫޕް އިން ކޮންމެ އަހަރަކު 3 ފަހަރު، 2 ހަފްތާއަށް ދިގުދެމިގެންދާ ޔޫ.ޕީ.އާރް ސެޝަންތައް ބާއްވައެވެ. 2022 ވަނަ އަހަރު ފަށާފައިވާ ޔޫ.ޕީ.އާރް ގެ 4 ވަނަ ސައިކަލް ނިމުމަކަށް އަންނާނީ 2027 ވަނަ އަހަރުއެވެ. އަދި 4 ވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ އިންސާނީ ހައްޤުތަކާއި ބެހޭ ރިވިއު އޮންނާނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށޭ ޔޫ.ޕީ.އާރްގެ 50 ވަނަ ސެޝަންގައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960