Ref: 2024/PR/338
ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައިި، މިއަދު ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޑރ ޚަލީލް ދެއްކެވި ވާހަކަފުޅުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ވަނީ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ކަންތައްތަކަށް ރާއްޖެއިން އިސްކަންދޭކަން ފާހަގަކޮށް, ވިލުނުވެރި މުޖުތަމަޢުތަކާއި, ޑިމޮކްރަސީގެ އުޞޫލުތައް ނެގެހެއްޓުމާއި, ވިލުނުވެރި އިޤްތިޞާދުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރެވޭނެ މަގު ފަހިކޮށް މި އަހަރުގެ މެއި މަހުގައި ބޭއްވުނު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި ފާސްކުރެވުނު "އެންޓިގާ އެންޑް ބާބުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (އަބާސް)" ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުންވެސް, ދުނިޔެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި, ޑިމޮކްރަޓިކް އުޞޫލުތައް ނަގަހައްޓައި, ނާޒުކު ޤައުމުތައް ހިމާޔަތްކުރުމަށް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޑރ ޚަލީލް ވަނީ, އެކި ރޮނގުތަކުން ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަށް ޝުކުރު އަދާކުރައްވާފައެެވެ. އަދި ކޮމަންވެލްތާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް, ކޮމަންވެލްތުގެ އުޞޫލުތައް ރާއްޖެއިން ނަގަހައްޓާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން، ކޮމަންވެލްތުގެ ގައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށާއި ކޮމަންވެލްތުން ހާސިލްކުުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބާއްވާ މުހިންމު ބައްދަލުވުމެެކެވެ.