ޚަބަރު

ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަންއަށް (ޑަބްލިއު.ޓީ.އޯ.) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ އާ ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އަރުވައިފި

Ref: 2025/PR/100

ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ.) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ އާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެކަމަނާގެ މަޤާމުގެ ފަތްކޮޅު ޑަބްލިއު.ޓީ.އޯ. ގެ ޑިރެކްޓަރ ޖެނެރަލް، ޑރ. އެންގޯޒީ އޮކޮންޖޯ-އިވޭލާއަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ ޑަބްލިއު.ޓީ.އޯ. ގެ މައިއޮފީހުގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ޑިރެކްޓަރ ޖެނެރަލްއާއެކު ބޭއްވި ބައްދަލުވުމުގައި ސަފީރު ޑރ. ސަލްމާ ރަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެކަމަނާއަށް ވެދުމާއި ސަލާމް ދަންނަވައިފައެވެ. ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޑަބްލިއު.ޓީ.އޯ. އިން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުން އަންނަ ތަފާތު އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ޑަބްލިއު.ޓީ.އޯ. އާ އެކު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. މި ބައްދަލުވުމުގައި ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި، ސަފީރަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޑަބްލިއު.ޓީ.އޯ. އިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން އަކީ 166 މެމްބަރު ގައުމު ހިމެނޭ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެކެވެ. 31 މޭއި 1995 ގައި މި ޖަމްޢިއްޔާގެ މެމްބަރު ގައުމަކަށްވުމަށްފަހު ދިވެހިރާއްޖެއިން ދަނީ މި ޖަމްޢިއްޔާގައި ހަރަކާތްތެރިވަމުންނެވެ. ޑަބްލިއު.ޓީ.އޯ. އާއި ގުޅުމުގެ ކުރިން ދިވެހިރާއްޖެ ވަނީ ޖެނެރަލް އެގްރީމަންޓް އޮން ޓްރޭޑް އެންޑް ޓެރިފްސްގައި 19 އޭޕްރީލް 1993 ގައި ސޮއިކޮށްފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އެޓާޗޭ މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960