ޚަބަރު

ތަޢުޒިޔާގެ މެސެޖް

ދިވެހި ސަރުކާރަށް 40 އަހަރަށް ވުރެ ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މި މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ، އަލްފާޟިލާ ޢާބިދާ އަޙްމަދު، 8 މެއި 2023 ގައި އަޅުގަނޑުމެންނާ ވަކިވެގެން ދިއުމަކީ، ޚާރިޖީ ދާއިރާގެ އެންމެހާ މުވައްޒަފުންނަށް ލިބުނު ފުންހިތާމަޔަކާއި ހިތްދަތިކަމެކެވެ.

15 އޮގަސްޓް 1985 ން ފެށިގެން، ޢާބިދާ އަޙްމަދު ރާއްޖޭގެ ޚަރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައި ވަނީ ނުހަނު އިޚުލާޞްތެރިކަމާއެކުގައެވެ. ޢާބިދާ އަޙްމަދު، އެންމެ ގިނަ ދުވަހު މިނިސްޓްރީގައި ޚިދުމަތް ކުރައްވާފައިވަނީ، ދިވެހިރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައެވެ. އަދި، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލާއި މެހްމާންދާރީ އަދާކުރެއްވުމުގެ މަސައްކަތްތަކުގައިވެސް، ޢާބިދާ އަޙުމަދު ވަނީ ހީވާގިކަމާއި ފަންނުވެރިކަމާއެކު ޚިދުމަތްތައް ކޮށްދެއްވާފައެވެ. މީގެއިތުރުން، ޒަމާނާއެކު ޚާރިޖީ ދާއިރާގެ އިދާރީ ހިންގުމަށް ލިބެމުން ދިޔަ ކުރިއެރުންތަކާއެކު، ބަދަލުތައް ތަންފީޒު ކުރުމުގައި ޢާބިދާ ކޮށްދެއްވި ޚިދުމަތާއި ޙިއްސާ ނުހަނު ގިނަވެފައި އިތުރެވެ. އަދި ޢާބިދާ އަޙްމަދު އަކީ ޚާރިޖީ ދާއިރާއާ ގުޅިވަޑައިގަންނަވާ ޒުވާން މުވައްޒަފުން، ދާއިރާއަށް އަހުލުވެރިކުރުވުމަށްޓަކައި މަސައްކަތްތައް ވިލަރެސްކޮށްދެއްވި ނަމޫނާ މުވައްޒަފެކެވެ. ޚާރިޖީ ދާއިރާގެ ޚިދުމަތް އާންމުންނާ ހަމައަށް ފޯރުކޮށްދެއްވުމުގައި ޢާބިދާ އަޙުމަދަކީ އިޚުލާސްތެރިކަމާއި ހިނިތުންވުމާއެކު ޚިދުމަތް ކޮށްދެއްވި މުވައްޒަފެކެވެ.

މި ހިތާމައިގައި، މަރުޙޫމާގެ ލޮބުވެތި އާއިލާއަށް، ޚާރިޖީ ދާއިރާގެ އެންމެހާ މުވައްޒަފުންގެ ނަމުގައި އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. އަދި މަރުޙޫމާގެ ފުރާނައަށް މާތް الله ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. މަރުޙޫމާގެ އާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން މިންވަރު ކުރައްވާށި!

އާމީން!

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960