Ref: 2024/PR/334
ސްޕެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޔޫރަޕިއަން ޔޫނިއަން އެންޑް ކޯޕަރޭޝަން، ހޯޒޭ މަނުއެލް އަލްބަރޭސް ބުއޭނޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ސްޕެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ސްޕެއިންގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ތަހުނިޔާ ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެއާއި ސްޕެއިން އާއި ދެމެދު އޮންނަ ގުޅުމަށް 45 އަހަރު ހަމަވެގެން ދިޔައިރު ޤަބޫލު ކުރެވެނީ ސްޕެއިން އަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެއް ކަމުގައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި އަޅުގަނޑު އުންމީދުކުރަމެވެ.
މަނިކުފާނަށާއި ސްޕެއިންގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަދި މަނިކުފާނު އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުޞަތުގެ ބޭނުންކުރީމެވެ."
ނިމުނީ.