ޚަބަރު

ރާއްޖެ އާއި އިންޑިއާ އެކު ބާއްވާ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ދިވެހި ރާއްޖެއިން ވަފުދެއް ބައިވެެރިވުން

Ref: 2025/PR/130

ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދުއިންޑިއާގެ ނިއުދިއްލީގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެއިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއެވެ.

މިހައިލެވެލް ކޯ ގްރޫޕުގެ ބައްދަލުވުން ތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދު އެކުލަވާލެވުނު ތަޞައްވަރު، 'އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް' ގެ ތެރެއިން އުފެދިފައިވާ އަދި މި ތަޞައްވަރުގެ އެންމެހައި ކަންކަންކުރިއަށް ގެންދިއުމާގުޅޭ މަޝްވަރާ ބައްދަލުވުން ތަކެކެވެ.

މި ގޮތުން، ޖަނަވަރީ 29 ގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަޝްވަރާތަކުގައިކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެކަންކަން ވަޒަންކޮށް،ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ސިއްހީ، އަދި ދިފާއީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިއްމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވެސް ނިންމުނެވެ.  

މިއަދު ބޭއްވުނު ހައިލެވަލް ކޯ ގުރޫޕް ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތައް ހިމެނޭ އިސް ވަފުދެއް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ހިމެނެއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960