ޚަބަރު

ޕޯޗުގަލް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު، ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

2 އެޕްރީލް 2017، މާލެ 

ޕޯޗުގަލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖޮއާއޮ ޑޮ ކަރމޯ އަޓައިޑެ ޑަ ކަމަރާ، ފޮރިން މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޢާޞިމާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރ އާސިމް ވަނީ  ޕޯޗުގަލްގެ ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ..

އަދި ޓުއަރިޒަމާއި، ކުޅިވަރާއި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. 

ޕޯޗުގަލްގެ އައު ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޕޯޗުގަލްއާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. 

މިބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި ސެކްރެޓަރީ ބައިލެޓްރަލް، އަލްފާޟިލް އަހުމަދު ޚަލީލް، އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ޝިއުނީން ރަޝީދު އަދި އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ މޫމިނާ އިބްރާހީމް ‏ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960