ޚަބަރު

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރަށް އޮސްޓްރޭލިއާ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2025/PR/15

އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޕެނީ ވޮންގް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި އޮސްޓްރޭލިއާގެ ރައްޔިތުންނަށް، އޮސްޓްރޭލިއާ ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި މެރިޓައިމް ސެކިއުރިޓީ އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަން ފަދަ ދާއިރާތަކުން އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައިވާ އިތުބާރުކުރެވޭ ތަރައްޤީގެ ބައިވެރިއެއް ކަމުގައިވާ އޮސްޓްރޭލިއާއާއެކު އޮތް ގާތްގުޅުމުގެ އަގު ރާއްޖެއިން އިޚްލާސްތެރިކަމާއެކު ފާހަގަކުރަމެވެ. 

ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައިގަނޑު އަސާސަކީ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކެވެ. އެގޮތުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ޚާއްޞަކުރައްވައިގެން އޮސްޓްރޭލިއާ އެވޯޑްސް ޕްރޮގްރާމްގެ ދަށުން ދެއްވާ ސްކޮލަރޝިޕްތަކަކީ މިކަމުގެ ނަމޫނާ މިސާލެކެވެ. 

އަޅުގަނޑުމެންގެ ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ ޙިއްޞާކުރެވިފައިވާ އަޚްލާޤާއި، ދެޤައުމުގެ ކުރިއެރުމަށް ކުރެވޭ އަހައްމިއްޔަތުކަމުގެ މައްޗަށެވެ. މުސްތަޤްބަލަށް ބަލާއިރު، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުގައި އެއްބާރުލުން ދިނުމާއި، ވިސްނުން އިތުރުކޮށް، ރައްޔިތުންގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. 

ކަމަނާއަށް ދުޅަހެޔޮ ސިއްޙަތާއި އޮސްޓްރޭލިއާގެ ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960