Ref: 2025/PR/124
އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ 119 ވަނަ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން، ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ގީލާ އަލީ، މިއަދު ތަޤްރީރުކުރެއްވިއެވެ. މި ހިނގާ މެއި މަހުގެ 23 އިން 25 އަށް ކުރިއަށްދާ މި ބައްދަލުވުމަކީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް ގައި ކުރިއަށްދާ ބައްދަލުވުމެކެވެ.
އެކަމަނާގެ ތަޤްރީރުގައި، އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު ޤައުމުތަކުންނާއި އެ ޖަމުޢިއްޔާ އިން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޖަމުޢިއްއްޔާގެ އައު ސެކްރެޓަރީ ޖެނެރަލް، މޫސާ ސަލެފް-ބަޓްރާކީ އެކުލަވާލާފައިވާ އިސްލާހީ އެޖެންޑާ އަށް މަރުހަބާ ވިދާޅުވެ ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކުރެވޭ މަސައްކަތްތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުންތައް ގާއިމުކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންއެރުވިއެވެ. މީގެ އިތުރުން، އޯ.އޭ.ސީ.ޕީ.އެސް. އާއި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.) އާ ދެމެދު ގާއިމުކުރެވިފައިވާ ގުޅުމުގެ ތެރެއިން، އިޤްތިސާދީ ނަފާވެރިކަން ލިބިގެންދިއުމަކީ ދިވެހިރާއްޖެއިން އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
އޯ.އޭ.ސީ.ޕީ.އެސް. އަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ 79 ގައުމެއް ބައިވެރިވެފައިވާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެންބަރު ޤައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.
ނިމުނީ