ޚަބަރު

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅޭ
Featured

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅޭ

Ref: 2025/PR/269

ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކަރފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރުކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން، ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި މި މިނިސްޓްރީން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު، ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގައި ތިބި ދިވެހިރައްޔިތުންގެ ކަންކަން ވަރަށް ގާތުން މި މިނިސްޓްރީން ބަލަމުން ގެންދާ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދެމެވެ. 

  • ގުޅޭނެ ނަންބަރު: 919910040786‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬+

އަދި މީގެއިތުރުން، މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރ ކަމުގައިވާ 7983400 އަށް ގުޅޭނެ ކަމުގައިވެސް ދެންނެވީމެވެ.

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960