Ref: 2024/PR/247
މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ބަޙްރައިނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނެސް ޕްރިންސް ސަލްމާން ބިން ހަމަދު އަލް ޚަލީފާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާއަށް ފޮނުއްވާ ސިޓީފުޅެއް މިނިސްޓަރ ޒަމީރު، ވަލީއަޙްދަށް އަރިސްކުރެއްވިއެވެ.
މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ބަޙްރައިން ސަރުކާރުން ދީފައިވާ ދީލަތި އެހީއާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، އަދި މި ގުޅުން އިތުރަށް ބަދަލިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ހަމައެއާއެކު، ދުނިޔޭގެ އިޤްތިޞާދީ ޙާލަތާއި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ފަދަ ބައިނަލްއަޤްވާމީ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން ވަލީއަޙްދާއި މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑޮކްޓަރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ، މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ.