ޚަބަރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް މިއަދު ފުރާވަޑައިގެންފި

Ref: 2024/PR/131

ސްރީލަންކާ ގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ އެމް.ޔޫ.އެމް. ޢަލީ ސަބްރީގެ ދަޢުވަތަކަށް ޖޫން މަހުގެ 03 އިން 06 އަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އަށް ވަޑައިގަތުމަށްޓަކައި  މިއަދު ފުރާވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގެ އިތުރުން އެޤައުމުގެ ބޮޑުވަޒީރު، ޑިނޭޝް ގުނަވަރދެނާ އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރަސްމީ ވާހަކަތަކުގެ ތެރޭގައި ރާއްޖެއާއި ސްރީލަންކާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ. 

މީގެ އިތުރުން ރާއްޖެއާއި ސްރީލަންކާ އާ ދެމެދު ތަފާތު ދާއިރާތަކުން އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުގެ އިސްވެރިންނާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި ޑިރެކްޓަރ-ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960