ޚަބަރު

ކޮމަންވެލްތު ކުދި ގައުމުތަކުގެ 2026 ވަނަ އަހަރުގެ ބައްދަލުވުން ދިވެހިރާއްޖެއިން ކޯޗެއަރ ކުރުމަށް ހަމަޖެހިއްޖެ

Ref: 2024/PR/336

ކޮމަންވެލްތުން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރ އެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހިއްޖެއެވެ. ދިވެހިރާއްޖެ ކޯ-ޗެއަަރއެއްގެ ގޮތުގައި ހަމަޖެހި، އެކަން އިއުލާންކޮށްފައިވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ. 

2026 ވަނަ އަހަރު ބާއްވާ މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއެކު ކޯޗެއަރކަން ކުރާނީ އެއަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމާއެކުއެވެ. މި ބައްދަލުވުމުގެ ކޯޗެއަރ އެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތްކުރާނީ ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށެވެ. އަދި ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި  ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމެކެވެ.   

ސަމޯއާގައި މި އޮކްޓޫބަރު މަހުގެ 22 އިން 26 އަށް ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ކޮމަންވެލްތުގެ ކުދި ޤަައުމުތަކުގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ކޮމަންވެލްތުގެ ކުދި  ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެެވެ. މީގެ ތެރޭގައި ކުދި ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް އަދި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުދި ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިސްލާހުކުރުުގެ މުހިންމުކަން ފާހަގަކޮށް، ކުދި ގައުމުތަކުގެ ދަރަނީގެ މައްސަލައަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. 

ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ކުދި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްއެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ މި ބައްދަލުވުުމުގެ ކޯޗެއަރކަން ކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ސަމޯއާގެ އިތުރުން އެސްވާޓިނީއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960