Ref: 2025/PR/87
ތުރުކީގައި އަލަށް ޤާއިމުކުރެވުނު ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް އާއި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ދިވެހިރާއްޖެއިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އިސްވެ ތިއްބަވާ އެމްބަސީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ އެމްބަސީގައި މިކަމަށް ބޭއްވުނު ދިދަ ނެގުމަށް ރަސްމިއްޔާތަކަށްފަހުގައެވެ.
ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުވެގެން ދިއުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެކެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޛުކުރުމަށާއި، ތުރުކިޔޭގައި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި މި އެމްބަސީވެގެންދާނީ ދެޤައުމުގެ ދެމެދުގައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގޮތުން ގުޅުން ހަރުދަނާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމުގެ ޕްލެޓްފޯމެއްގެ ގޮތުގައެވެ.
މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްގެ ގޮތުން ތުރުކިޔޭގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިޤްތިޞާދީ ކުރިއެރުމާއި، ދިވެހި ސަޤާފަތް ކުރިއެރުވުމަށް އަދި ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ނުހަނު ބޮޑުކަމުގައި ފާހަގަކުރެއްވިއެވެ. އަދި ތުރުކީގައި ދިރިއުޅޭ ދިވެހިންނާ ގާތުން ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް އެމްބަސީ އެއް ހުރުން ވަރަށް މުހިންމުކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، އެމްބަސީ އިފްތިތާޙް ކުރުމުން ތުރުކީގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ދިމާވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކީ ކުރެވިގެންދާނެކަންވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހެމަތު ނޫރީ އެރްސޮއިގެ ވާހަކަފުޅުގައި، ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުންސުރެ އޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ފަތުރުވެރިކަމާއި، ސަގާފަތާއި، އިގްތިސާދު އަދި ތައުލީމީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްޤީވެފައިވާކަން ވެސް މިނިސްޓަރު އެރްސޮއިގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމްގެ އަރިހުގައި މޯލްޑިވްސް-ތުރުކިއޭ އިންޓަރ ޕާލަމަންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރޕަރސަން އޮރަބަލް ޑޮކްޓަރ އުއްމުގުލްޝެން އޮޒްޓަރކް އާއި ގްރޭންޑް ނޭޝަނަލް އެސެމްބްލީ އޮފް ތުރުކިޔޭގެ މެމްބަރުންނާއި، ތުރުކީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުންނާއި، ތުރުކީގެ އިސް ވިޔަފާރިވެރިންނާއި މީޑިއާގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. އަދި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ޑޮކްޓަރ ހާލާ ޙަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބް އާއި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މުވައްޒަފުންގެ އިތުރުން އަންކާރާގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ދިވެހިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ނިމުނީ.