Ref: 2024/PR/145
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މި ޖޫން މަހުގެ 24 އިން 27 އަށް އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގެ ތެރޭގައި އެމެރިކާ ސަރުކާރާއި އ.ދ. ގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައިވެއެވެ. ވަޒީރުގެ މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ހިނގާ ކަންކަމުގައި ދިވެހިރާއްޖެއިން އަހައްމިޔަތުކަންދޭ މިންވަރު ކަށަވަރުކޮށްދިނުމެވެ.
މިދަތުރުފުޅުގައި ޚާރިޖީ ވަޒީރު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީ.ސީ. އަށެވެ. ވޮޝިންގްޓަން ގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ޖޭ. ބްލިންކަން އާއި ޔުނައިޓަޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރގެ އިތުރުން އެމެރިކާ ސަރުކާރުގެ އެހެނިހެން އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ކައުންސިލް އޮފް ފޮރިން ރިލޭޝަންސް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރެކްޓިވް ޑިސްކަޝަންއެއްގައި ބައިވެރިވުމުގެ އިތުރުން، ވޮޝިންގްޓަންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ވޮޝިންގްޓަން އަށް ކުރައްވާ ދަތުރުފުޅަށްފަހު، އ.ދ. ގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ޚާރިޖީ ވަޒީރު ނިއު ޔޯކް އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ނިއު ޔޯކް އަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އާއި އ.ދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒްގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ލީ ޖުންހުއާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުންތަކުގެ އިތުރުން، ނިއުޔޯކްގެ ބައެއް ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ނިއުޔޯކް އާއި ނިއުޖާޒީގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ޚާރިޖީ ވަޒީރު ބައްދަލުކުރައްވާނެއެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބް ބައިވެރިވެވަޑައިގަންނަވައެވެ.
ނިމުނީ