ޚަބަރު

ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Ref: 2025/PR/115

ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަކަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުالله ޚަލީލް ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިދަތުރުފުޅަކީ ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ ގޮތުން ކުރެވުނު ދަތުރުފުޅެކެވެ. 

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލްވަނީ އެކްޓިންގ  ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް އިންޓީރިއަރ ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް- ސަބާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ އިތުރުން ކުވޭތު ސަރުކާރުގެ އިތުރު މިނިސްޓަރުންނާއި ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކުވޭތާއި ދެމެދު އޮންނަ ޒަމާންވީ، ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރައްވައި، ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ތަރައްޤީކޮށް ސިންދަފާތުކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއި ސިއްޙީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ބިނާރާ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް މިނިސްޓަރގެ ބައްދަލުވުންތަކުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. 

މި ދަތުރުފުޅުގައި މިނިސްޓަރ ޑޮކްޓަރ ޚަލީލްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960