Ref: 2024/PR/130
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޔޫރަޕިއަން އެކްސްޓާނަލް އެކްޝަންސް ސަރވިސް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު އޮންނަ ގުޅުމަށް ލިބިފައިވާ ގިނަގުނަ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. އަދި ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްކުރެވޭ މަސައްކަތްތަކާއި، ޝަރުޢީ ނިޒާމު ހަރުދަނާކުރުމާއި، ނިރުބަވެރިކަމާއި ދެކޮޅަށް ޔޫރަޕުގެ އިއްތިހާދާ ގުޅިގެން ކުރެވޭ މަސައްކަތަކަށް ލިބިފައިވާ ކުރިއެރުންތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލެވިފައިވެއެވެ.
މިނިސްޓަރ ޒަމީރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް ވިލާތުގެ އިއްތިހާދުން ފުޅާ ދާއިރާއެއްގައި ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް އީޔޫއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޒަމީރުވަނީ ރާއްޖޭގެ ނޫ އިގްތިސާދު ހަރުދަނާ ކުރުމަށް މަގުފަހިކުރުމަށްޓަކައި ވިލާތުގެ އިއްތިހާދުން ދެއްވުމަށް ހަމަޖެހިފައިވާ 6.5 މިލިއަން ޔޫރޯގެ ފައިނޭންސިން އެގްރީމެންޓްގައި މިއަދު ސޮއިކުރިކުރުން ފާހަގަކުރައްވާފައެވެ. މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ޝެންގެން ވިސާގެ ޝަރުތުތަކުން އިސްތިސްނާވާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމަށް ސަރުކާރުން އެދިވަޑައިގަންނަވާކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދު، ސެކްރެޓަރީ ޝިއުނީން ރަޝީދު، ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމް އާއި ޗީފް ޑެސްކް އޮފިސަރ އާމިނަތު ޝައިސްތާ ހަމްދާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައުލާ ޕަމްޕަލޯނީ ކޯޗެއަރ ކުރައްވާގޮތަށް ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ފަސް ވަނީ އިސްވެރިންގެ ބައްދަލުވުން މިއަދު މެންދުރު ޚާރިޖީ ވުޒާރާގައި ބޭއްވުނެވެ.
ނިމުނީ.