ޚަބަރު

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ 34 ވަނަ އާންމު މަޖިލީޖުގެ ދެވަނަ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެއިން އެ ޖަމްޢިއްޔާއަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު އިންތިޚާބުވެއްޖެ
Featured

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ 34 ވަނަ އާންމު މަޖިލީޖުގެ ދެވަނަ ނައިބު ރައީސްގެ މަޤާމަށް ދިވެހިރާއްޖެއިން އެ ޖަމްޢިއްޔާއަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު އިންތިޚާބުވެއްޖެ

Ref: 2025/PR/356

26 ނޮވެންބަރު 2025، ލަންޑަން

 

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ.) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، އަލްފާޟިލާ އިރުތިޝާމް އާދަމް، އެ ޖަމުޢިއްޔާގެ އާންމު މަޖިލީހުގެ ދެވަނަ ނައިބު ރައީސް ގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފިއެވެ. މި އިންތިޚާބު ބޭއްވީ އައި.އެމް.އޯ.ގެ މައިއޮފީސް ހުންނަ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ކުރިއަށްދާ އައި.އެމް.އޯ. ގެ 34 ވަނަ އާންމު މަޖިލީހުގެ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

 

މި މަޤާމަށް ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު އިރުތިޝާމް އާދަމް އިންތިޚާބުވެވަޑައިގެންނެވުމަކީ، ދުނިޔޭގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑު ދަތުރުފަތުރުގެ ދާއިރާގައި ދިވެހިރާއްޖެއިން އަދާކުރަމުން އަންނަ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމެކެވެ. އިންތިޚާބަށްފަހު، ދާއިމީ މަންދޫބު އިރުތިޝާމް އާދަމް ވަނީ އައި.އެމް.އޯ. ގެ ސެކްރެޓަރީ ޖެނެރަލަށާއި، މެންބަރު ޤައުމުތަކަށް އެ ކަމަނާ އަށް ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، އެކަމަނާ ވަނީ ކަނޑާ ގުޅުން ހުރި މައްސަލަތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވަމުންދާކަން ފާހަގަކުރައްވާ، ކަނޑުގެ ސަލާމަތްތެރިކަން އިތުރުކުރުމާއި، ކަނޑުގެ މާހައުލު ރައްކާތެރިކުރުމާއި، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް އިސްކަންދީގެން، އައި.އެމް.އޯ. ގެ ހުރިހާ މެންބަރު ޤައުމުތަކާ އެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެ ތައްޔާރަށްއޮތްކަން ހާމަކުރައްވާފައެވެ.

 

17 މާރިޗް 1948 ގައި އުފެއްދި އައި.އެމް.އޯ. އަކީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި އުޅަނދުފަހަރުން ކަނޑުތައް ތަޣައްޔަރުވުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އަދާކުރާ އ.ދ.ގެ ސްޕެޝަލައިޒްޑް އެޖެންސީ އެކެވެ. އައި.އެމް.އޯ. އަކީ 176 މެމްބަރު ގައުމު އަދި 3 އެސޯސިއޭޓް މެމްބަރުން ގައުމު ހިމެނޭ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެ އައި.އެމް.އޯ. މެމްބަރު ގައުމަކަށްވީ 31 މެއި 1967 ގައެވެ.

 

އައި.އެމް.އޯ. ގެ 34 ވަނަ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ވަފްދުގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓެން އަބްދުލް ލަތީފް މުހައްމަދު އެވެ. މިވަފުދުގައި ދާއިމީ މަންދޫބު އިރުތިޝާމް އާދަމްގެ އިތުރުން، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ ނައިބު އަލްފާޟިލް މުހައްމަދު އަޙްމަދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ހަސަން މުޒްނީ މުހައްމަދު، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރސްޓް ސެކްރެޓަރީ ސަރާ އަހްމަދު ޚާލިދާއި ސެކަންޑް ސެކްރެޓަރީ، ފާތިމަތު ޒޭނާ އަބްދުﷲ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

 

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960