ޚަބަރު

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުން
Featured

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުން

Ref: 2025/PR/267

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ. މި ސެޝަން ކުރިއަށްދާނީ، 8 ސެޕްޓެމްބަރ 2025 އިން 8 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ. 

މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އދ.ގެ ހައިކޮމިޝަނަރ ފޯރަ ހިއުމަން ރައިޓްސް ވޮލްކަރ ޓާރކް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގެ މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ހުށަހެޅުއްވިއެވެ. 

ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތަފާތު އެޖެންޑާ އައިޓަމްތަކުގެ  ދަށުން ރާއްޖޭގެ ވަފުދުން ގައުމީ ބަޔާން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޖެނީވާގައި ހަރަކާތްތެރިވާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ފަރާތުން ދިވެހިރާއްޖެއިން ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގ އާގުޅޭގޮތުން ސްޓޭޓްމަންޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ. ތަރައްޤީ ވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގގެ މުހިންމުކަމާ ގުޅޭގޮތުން  މި ސްޓޭޓްމަންޓުގައި އަލިއަޅުވާލާނެއެވެ.  އަދި މީގެ އިތުރުން ދެ ކޯ ގުރޫޕެއްގެ ބައިވެރިއެއްގެ ހައިސިއްޔަތުންމި ޝެޝަންއަށް ދެ ޤަރާރެއް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ފަދަ ސިޔާސީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ މެމްބަރެއްގެ ހައިސިއްޔަތުންދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް  އަރައިގަންނަމުންދާ މައްސަލަތައް އިތުރުވަމުންދާތީ ރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ. މިގޮތުން، މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ރާއްޖެއިން ޤައުމީ ބަޔާނެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އިޒްރާއިލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ވަކީން ޚާއްސަކޮށް ޣާޒާގެ ރައްޔިތުން، ތަހައްމަލްކުރަމުންދާ އަނިޔާތަކާބެހޭގޮތުން އަލިއަޅުވާލާއި ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
 
އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. ވަފުދުގައި ދެން ހިމެނިވަޑައިގަންނަވާނީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ރަޔާހީން، ތާރްޑް ސެކްރެޓަރީ އަލްފާޟިލާ ފައިހާ އަހުމަދު ފިރާގް އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ. އަދި މީގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަހައްދުން ހިއުމަން ރައިޓްސް ކައުންސިލްގެ މި ދައުރުގެ ނައިބް ރައީސްގެ މަޤާމަށް ދިވެހިރާއްޖެ ހޮވިފައިވާތީ، ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބް ރައީސްގެ ހައިސިއްޔަތުން، ދާއިމީ މަންދޫބް ޑރ. ސަލްމާ ރަޝީދު ކައުންސިލްގެ ބައެއް ސެޝަންތަކުގެ ރިޔާސަތު ބަލަހައްޓަވާނެއެވެ. 

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި  ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. މި މަޖިލީހުގައި ހިމެނެނީ 47 މެންބަރުންނެވެ. ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މެންބަރުކަމުގެ ދައުރު ހަމަވާނީ މިއަހަރެވެ.

 ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960