ޚަބަރު

އިންޑިއާގެ ބޮޑުވަޒީރަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދަންނަވައިފި
Featured

އިންޑިއާގެ ބޮޑުވަޒީރަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދަންނަވައިފި

Ref: 2025/PR/220

އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.

މިރަސްމިއްޔާތަށް، އިންޑިއާގެ ބޮޑުވަޒީރު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. ބޮޑުވަޒީރު މޯދީއަށް މަރްޙަބާ ދެންނެވުމުގެގޮތުން އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. އަދި ދިވެހި އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ.

މިރަސްމިއްޔާތުގައި ބޮޑުވަޒީރު މޯދީ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ބޮޑުވަޒީރު މޯދީއަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި އިންޑިއާ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުންވެސް އޮތެވެ.

ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅަކީ، އެމަނިކުފާނު ތިންވަނަ ދައުރަކަށް މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960