Ref: 2024/PR/296
ގުއަޓެމާލާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ކަރލޮސް ރަމިރޯ މަރޓީނެޒް އަލްވަރަޑޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ގުއަޓެމާލާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، މަނިކުފާނާއި ގުއަޓެމާލާ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް ފޮނުވީމެވެ.
ގުއަޓެމާލާ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ވާ ރަޙްމަތްތެރި ކަމުގެ ގުޅުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.
މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ގުއަޓެމާލާގެ ރައްޔިތުންނަށް އިތުރު ކުރިއެރުން ލިބުމަށް އަޅުގަނޑު އެދެމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ."