ޚަބަރު

‎އެސްޓޯނިއާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2025/PR/51

‎އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މާރްގުސް ސަޚްނާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‎މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެސްޓޯނިއާގެ މިނިސްވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި އެސްޓޯނިއާގެ ރައްޔިތުންނަށް އިޚްލާސްތެރި ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރުމެވެ. 

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެސްޓޯނިއާ އަށް ދަތުރުކުރުމުގެ ފުރުސަތަކީ އަޅުގަނޑަށް ލިބުނު ޝަރަފެކެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކާއި ކުރިއަށް އޮތް ތާނގައި މަސައްކަތްކުރުމަށް ނިންމެވި ކަންތަކުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރެވިދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ. 

މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި އެސްޓޯނިއާގެ ރައްޔިތުންނަށް އިތުރު ސުލްހަ އާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އައުކޮށް، އެކަން ޔަޤީންކަން އެރުވުމަށް، މި ފުރުސަތު ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960