ޚަބަރު

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސަށް އަރުވައިފި

Ref: 2024/PR/392

ދިވެހިރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބް، އެ މަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ޗައިނާގެ ރައީސް އެކްސަލަންސީ ޝީ ޖިންޕިންގ އަށް އަރުވައިފި އެވެ. 

ފަތްކޮޅު އެރުވުން އޮތީ ބެއިޖިންގ ގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލް ގައި މިއަދު އޮތް ޚާއްޞަ ރަސްމިއްޔާތެއް ގައެވެ. 

ފަތްކޮޅު އެރުވުމަށްފަހު ސަފީރު ފަޒީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެ ފަރާތްޕުޅުންނާއި ލޮބުވެތި ދިވެހި ރައްޔިތުން ގެ ފަރާތްޕުޅުން ރައީސް ޝީ އަށާއި ޗައިނާ ގެ ރަހުމަތްތެރި ރައްޔިތުންނަށް އެންމެހެޔޮ އެދުންތަކާއި ވެދުމާއި ސަލާން އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމާ ސަފީރު ޑރ. ފަޒީލް ނަޖީބް ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް ރައީސް ޝީ ޖިންޕިންގ ތަހުނިޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އާމިނަތު ފަރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެ އާއި ޗައިނާ ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރު 1972 ގައެވެ. އެމްބެސެޑަރު ފަޒީލް އަކީ ދިވެހިރާއްޖެ އިން ޗައިނާ އަށް ކަނޑައެޅި ފަސްވަނަ ސަފީރެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960