Ref: 2024/PR/143
ދިވެހިރާއްޖެ އިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބެލްޖިއަމްގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ފިލިޕަށް މިއަދު ހެނދުނު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ ބްރަސްލްސް ގައި ހުންނަ ރަސްގެފާނުގެ ރަސްމީގަނޑުވަރުގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ޕްރައިވެޓް އޯޑިއަންސްގައި ސަފީރު ޤީލާ އަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކިންގް ފިލިޕަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ބެލްޖިއަމް އާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ ކިންގް ފިލިޕަށް އެރުވިއެވެ. ދިވެހިރާއްޖެ އިން ބެލްޖިއަމްއަށް ކަނޑައަޅާ ސަފީރުގެ މަޤާމާ ސަފީރު ޤީލާ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް ކިންގް ފިލިޕް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އާއި ބެލްޖިއަމްއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގާ އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.
ބެލްޖިއަމް އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އަލްފާޟިލާ ޤީލާ އަލީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވައިފައިވަނީ 7 މޭ 2024 ގައެވެ. އެމަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ސަފީރު ޤީލާ ވަނީ ޚާރިޖީ ދާއިރާގައި ކުރިންވެސް މަސައްކަތްކުރައްވާފައެވެ. މިގޮތުން 2015 ވަނަ އަހަރު އެކަމަނާ ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ. ގެ ދާއިމީ މިޝަންގެ މިނިސްޓަރ އަދި ޝާޒޭ ދެފެއާޒް ގެ މަޤާމު ވަނީ ފުރުއްވާފައެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރު އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ-ކައުންސިލަރ ގެ މަޤާމުގެ އިތުރުން 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މާޤާމުވެސްވަނީ ފުރުއްވާފައިވެއެވެ.
ސަފީރު ޤީލާ އަލީ ގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެކަމަނާ އަރިހުގާ ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އަލްފާޟިލް މުހައްމަދު ޝައްފާއު އިބްރާހިމް އަދި ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ހަސަން ނަވާފު ބައިވެރިވެވަޑައިގެންނެވިއެވެ.