ޚަބަރު

ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު ބޭއްވޭ 5 ވަނަ މޯލްޑިވްސް – އީ.ޔޫ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުން ދިވެހިރާއްޖޭގައި ބާއްވަނީ 

Ref: 2024/PR/127

ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު ބޭއްވޭ 5 ވަނަ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުން މާދަމާ ޚާރިޖީ ވުޒާރާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު ބިނާކުރަނިވި މަޝްވާރަތަށް ކުރިއަށް ގެންގޮސް، ދެ ފަރާތުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. 

މި އަހަރުގެ ބައްދަލުވުމުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، ތިމާވެއްޓާއި ރައްޓެހި ތަރައްޤީ ކުރިއަރުވައި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއި، ހެޔޮވެރިކަން ކުރިއަރުވައި، ޝަރުޢީ ދާއިރާ ކުރިއެރުވުމުގެ އިތުރުން ސަލާމަތީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.  

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އެޓަރނީ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު، އެމް.އެން.ޑީ.އެފް ކޯސްޓް ގާޑު، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. 

ވިލާތުގެ އިއްތިހާދުގެ ވަފުދުގެ އިސްވެރިއަކަށް ހުންނަވާނީ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާރޓްމަންޓްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960