ޚަބަރު

ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ އާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ރެޓްނޯ ލެސްޓާރީ ޕްރިއަންސަރީ މަރްސުޑީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2024/PR/271

ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ އާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ރެޓްނޯ ލެސްޓާރީ ޕްރިއަންސަރީ މަރްސުޑީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި 

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ އާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ކަމަނާއަށާއި، އިންޑޮނޭޝިއާ ސަރުކާރަށް އަދި އިންޑޮނޭޝިއާގެ ރައްޔިތުންނަށް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ފާއިވީތުވީ އަހަރުތަކުގައި ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ އާ ދެމެދު ބަދަހިވަމުން އަންނަ ރަޙްމަތްތެރިކަމުގެ ގާތް ގުޅުމަކީ  އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އޮންނަ ގުޅުމެކެވެ. އަދި މި ޚާއްސަ މުނާސަބާގައި، އަޅުގަނޑުގެ އިޚްލާޞްތެރި  އުއްމީދަކީ ދެޤައުމުގެ ދެމެދުގައި ގާއިމްވެފައިއޮތް ގާތް ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވެގެން ދިއުމެވެ. 

އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެޤައުމުގެ ތަރައްޤީއާ ރައްޔިތުންގެ ލާބައަށާއި މަންފާއަަށްޓަކައި ބައިނަލްއަޤްވާމީ މަސްރަހްގައިވެސް އިންޑޯނޭޝިއާގެ ސަރުކާރާއެކު ގާތުން މަސައްކަތްކުރާނޭ ކަމުގެ ޔަޤީންކަންް އަޅުގަނޑުއަރުވަމެވެ. އަދި ކަމަނާއަށް  ދުޅަހެޔޮ ސިއްޙަތާއި އިންޑޮނޭޝިއާގެ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ.

އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960