Ref: 2025/PR/8
ރާއްޖޭގެ ޚާރިޖީ ވުޒާރާއާއި އަޒަރުބައިޖާންގެ ޚާރިޖީ ވުޒާރާއާ ދެމެދު ބައިލެޓަރަލް ކޮންސަލްޓޭޝަންސްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ. އަދި އަޒަރުބައިޖާންގެ ވަފުދުގައި އިސްކޮށް ހުންނެވީ އަޒަރުބައިޖާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު އެލްނޫރު މަމަދޮވް އެވެ.
މިއަދު މެންދުރު ފަހު ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޑެޕިއުޓީ ފޮރިން މިނިސްޓަރު އެލްނޫރު މަމަދޯވް ވަނީ ރާއްޖެއާއި އަޒަރުބައިޖާންގެ ގުޅުމުގެ ތެރެއިން ކުރިއަށްދާ ހުރިހާ ޕްރޮގްރާމްތަކާއި ވެފައިވާ މުހިންމު އެއްބަސްވުންތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ދެމެދު މިދިޔަ ނޮވެމްބަރު މަހު ބަކޫގައި ކުރިއަށްދިޔަ ކޮޕް29ގެ ހަވާސާގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި، މިއަދު ބޭއްވެވި މިބައްދަލުވުމުގައި، އިންވެސްޓްމަންޓް ކުރިއެރުވުމާއި، ތަޢުލީމާއި، ޘަޤާފަތާއި، ފަތުރުވެރިކަމާއި، ކަނެކްޓިވިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަލްޓިލޭޓަރަލް ކޯޕަރޭޝަންގެ އިތުރުން، ދެޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިއަދުގެ މަޝްވަރާގައި ފޮރިން ސެކްރެޓަރީ އިނާޔާ އާއި ޑެޕިއުޓީ ފޮރިން މިނިސްޓަރު މަމަދޯވް ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދިނުމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޑެޕިއުޓީ ފޮރިން މިނިސްޓަރު މަމަދޯވް އިސްކޮށް ހުންނަވައިގެން ރާއްޖެއަށް ކުރައްވާ ރަސްމީދަތުރުފުޅުގައި އަޒަރުބައިޖާން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި، އަޒަރުބައިޖާންގެ އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީ (އަޒްޕްރޯމޯ)ގެ އިސްވެރިންނާއި އާއި ޕްރައިވެޓް ސެކްޓާގެ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. މި ވަފްދުގެ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި މަޝްވަރާކުރައްވައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދެނެގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.