ޚަބަރު

އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަމަށް 2025 ވަނަ އަހަރު ނިމެންދެން ދިވެހިރާއްޖެ ހޮވިއްޖެ
Featured

އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ނައިބު ރައީސްކަމަށް 2025 ވަނަ އަހަރު ނިމެންދެން ދިވެހިރާއްޖެ ހޮވިއްޖެ

Ref: 2025/PR/256

މިއަދު ބޭއްވި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސާގެ މަޤާމަށް ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހޮވިވަޑައިގަންނަވައިފިއެވެ. މި މަޤާމަށް އެކަމަނާގެ ނަން ހުށަހަޅާފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެޤްރޫޕަށް ނިޞްބަތްވާ ޤައުމުތައް ތަމްޞީލުކުރުމަށެވެ. 

ދިވެހިރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ މަޝްރަހުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖެއިން ވަނީ މީގެ ކުރިން އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި 2011 އިން 2013 ވަނަ އަހަރުގެ ނިޔަލަށް އަދި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާ ދައުރުގައިވެސް ދިވެހިރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. އަދި، ދިވެހިރާއްޖެއިން ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު އަދާކޮށް މަޖިލީހުގެ އެންމެ އިސް ހަރުފަތުގައި ދިވެހިރާއްޖޭގެ އިސްނެގުމާއި ބައިވެރިވުން ދައްކުވައިދީފައެވެ. ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ޗިލޭ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އަދި ރޮމޭނިއާ ގެ ދާއިމީ މަންދޫބުންނެވެ.

މި މަޤާމަށް ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ހޮވިވަޑައިގަތުމުން، އިންސާނީ ޙައްޤުތަކާބެހޭ މަޖިލީސް ހަރުދަނާ ގޮތެއްގައި ހިންގުމުގެ ޤާބިލުކަމާއި، ދިވެހިރާއްޖެއަށް އޮތް އިތުބާރާއި ޔަޤީންކަން ކަށަވަރުވެގެންދެއެވެ. މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން، އިންސާނީ ޙައްޤުތަކުގެ ޔުނިވަރސަލިޓީ ނަގަހައްޓާ، މަލްޓިލޭޓަރަލް ނިޒާމުގެ އަސާސީ އުޞޫލުތައްކަމުގައިވާ، މަޝްވަރާކުރުމާއި، އެއްބާރުލުން ދިނުމާއި، އެއްބަސްވެ އިއްތިފާޤުން ކަންކަން ނިންމުމުގެ އަސާސްތައް ދިވެހިރާއްޖެއިން އަބަދުވެސް ކުރިއަރުވަމުންގެންދާނެއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960