Ref: 2024/PR/99
އދ.ގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް އދ.ގެ އާންމު މަޖިލީހުން މިއަދު ފާސްކުރި ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްފިއެވެ. އެކުވެރި ޢަރަބި އިމާރާތުން ހުށަހެޅި މިޤަރާރު ކޯ-ސްޕޮންސަރކުރި އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.
މި ޤަރާރުގައި ވަނީ އ.ދ. ގެ ފުރިހަމަ މެމްބަރު ޤައުމަކަށް ވުމުގެ ޝަރުތުތައް ފަލަސްތީނުން ފުރިހަމަކޮށްފައިވާކަން ފާހަގަ ކޮށް، ސަލާމަތީ މަޖިލީހުން އ.ދ. ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ގޮވާލާފައެވެ. އަދި އ.ދ.ގެ ޢާއްމު މަޖިލީހުގެ 79ވަނަ ސެޝަނުން ފެށިގެން އ.ދ.ގެ ނިޒާމުގައި ބައިވެރިވުމުގައި މިހާރަށް ވުރެ އިތުރު ޙައްޤުތަކެއް ފަލަސްތީނަށް ދިނުމަށް ވެސް މިޤަރާރުން ވަނީ ފާސްކޮށްފައެވެ.
މި ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން 143 ޤައުމުގެ ތާއީދާއެކުގައެވެ. މިޤަރާރާ ދެކޮޅަށް 9 ޤައުމުން ވޯޓުދީފައިވާއިރު 25 ޤައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.