ޚަބަރު

ބީ.ބީ.އެން.ޖޭ. މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށްފި

Ref: 2024/PR/276

މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ (ބީ.ބީ.އެން.ޖޭ. މުޢާހަދާ) ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ. 3 ސެޕްޓެމްބަރ 2024 ގެ މެންދުރު ވަގުތު އ.ދ. ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މުޢާހަދާ ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެވެ. 

އެގޮތުން، 2015 ވަނަ އަހަރުގައި އދ. ގެ ޢާންމު މަޖްލީހުން ޤާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ޤާނޫނީ މަސްދަރެއް އެކުލަވާލުމަށް ނިންމަވާފައިވެއެވެ. އަދި އެ ނިންމެވުމަށް ފަހު 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ޤާނޫނީ މަސްދަރުގައި ހިމެނޭނެ މައުޟޫޢު އެކުލަވާލުމަށް ފަހު، 19 ޖޫން 2023 ގައި އިސްވެ ބަޔާންކުރެވުނު ޤާނޫނީ މަސްދަރު މުޢާހަދާއެއްގެ ސިފައިގައި ފާސްކޮށްފައިވެއެވެ.

އަދި 11 ފެބްރުވަރީ 2024 ގައި ބޭއްވުނު ވަޒީރުންގެ މަޖްލީހުގައި އިސްވެ ބަޔަންކުރެވުނު މުޢާހަދާ ދިވެހިރާއްޖެއިން ސޮއިކޮށް، ތަޞްދީޤުކުރުން މުހިންމު ކަމަށް ނިންމެވުމަށް ފަހު، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި 29 ފެބްރުވަރީ 2024 ގައި ސަރުކާރުން ރައްޔިތުންގެ މަޖްލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައިވެއެވެ. އަދި 13 މެއި 2024 ގައި ބަޔާންކުރެވުނު މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވެއެވެ. 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ އެންމެހައި ޤުދުރަތީ ވަސީލަތްތައް ޚިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ވަރަށް މަތީ މަސްޢޫލިއްޔަތެއް ކަމުގައިވާއިރު، އެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭރުގައި ހިމެނޭ ސަރަޙައްދު ޙިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްޢޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

އެގޮތުން، ސޮއިކޮށްފައިވާ މުޢާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ އިޖުރާއަތު ޤާއިމުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މަޢުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައްވެސް އެ މުޢާހަދާގައި ހިމެނިފައިވާ ކަމާއި މޫއުސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް އެ މުޢާހަދާގައި ހިމެނިފައިވެއެވެ. އަދި މި އެންމެހާ ކަންތައްތަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލިބޭ މަންފާތައް ޙިމާޔަތްކުރުމަށް  މުހިންމު ކަންތައްތަކެއް ކަމުގައިވާތީ، މި މުޢާހަދާގައި ބައިވެރިވުމުން ދިވެހިރާއްޖެ އަށް ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަން ފަހަގަކުރަމެވެ. އަދި ދިވެހިރާއްޖެ މުޢާހަދާގައި ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ޤައުމަކުން ސޮއިކޮށްފައިވާ ކަމާއި އަދި ޖުމްލަ 8 ޤައުމަކުން ތަޞްދީޤުކޮށްފައިވާ ކަން ފާހަގަކުރަމެވެ. 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރިހާ ޤައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުޢާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުޢާހަދާ ތަސްދީޤުކުރިތާ 120 ދުވަސް ފަހުންނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960