ޚަބަރު

ބައިނަލްއަޤްވާމީ މާލީ ނިޒާމް އިޞްލާޙުކުރުމަށް މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި މިނިސްޓަރ ޒަމީރު ގޮވާލައްވައިފި.

Ref: 2024/PR/38

މި ހިނގާ ފެބްރުއަރީ މަހުގެ 16 އިން 18 އަށް ޖަރުމަނުވިލާތުގެ މިއުނިކްގައި ކުރިއަށްދާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ 60 ވަނަ ބައްދަލުވުމުގައި "ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިންގެ އަޕް ކްލައިމެޓް ފައިނޭންސް" ގެ ނަމުގައި އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަމީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކަލުގެ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީރެތިކަށް ފަސޭހައިން ލިބި، ކުދި ޤައުމުތަކަށް ފަސޭހައިން މާލީ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ މާލީ ނިޒާމް އިޞްލާޙުކުރުމަށް ގޮވާލައްވާފަވެއެވެ. އަދި، މިކަން މަގުފަހިކުރުމަށް "މަލްޓިޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" ބޭނުންކޮށް "ލޮސް އެންޑް ޑެމޭޖް ފަންޑް" އަވަހަށް އޮޕަރޭޝަނަލައިސް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ މަނިކުފާނުވަނީ އެފަދި ނިޒާމެއް ނެތުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުނުވެރިކަން އިތުރުކުރުމަށް ދައުލަތުގެ ބަޖެޓުން ހޭދަކުރަންޖެހޭވަރު ގިނަވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަންނަން ދިވެހި ސަރުކާރުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. މީގެ ތެރެއިން، ޒީރޯ ކާބަން، "ސޭފް އައިލްންޑް" ކޮންސެޕްޓަށް ރަށްތައް ތަރައްޤީކުރުމަށާއި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާވެފައިވާ ވައުދަކުގެ މައްޗަށް އަލިއަޅުއްވާލާފައިވެއެވެ.

މިނިސްޓަރި ޒަމީރުގެ އިތުރުން މި ޕެނެލްގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭޚް ހަސީނާއާއި، ބާބޭޑޯސްގެ ބޮޑު ވަޒީރު މިއާ މޮޓްލީއާއި އެމެރިކާގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޖޯން ކެރީ ހިމެނެއެވެ. އަދި، މި ޕެނަލް ޑިސްކަޝަން މޮޑަރޭޓްކޮށްދެއްވާފައިވަނީ އ.ދ.ގެ އެފްރިކާ ޑިރެކްޓަރ އަދި ކްލައިމެޓް ޗޭންޖް ހައި-ލެވެލް ޗެމްޕިއަން ބޮގޮލާ ޖޯއި ކެނިވެންޑޯއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960