ޚަބަރު

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އަރުވައިފި

Ref: 2025/PR/116

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަލްފާޟިލާ އިރުތިޝާމް އާދަމް އެކަމަނާގެ މަޤާމުގެ ފަތްކޮޅު އައި.އެމް.އޯ. ގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ އެންޓޯނިއޯ ޑޮމިންގުއެޒް ވެލަސްކޯއަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ އައި.އެމް.އޯ. ގެ މައިއޮފީހުގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު އިރުތިޝާމް އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ވެދުމާއި ސަލާމް ދަންނަވައިފައެވެ. ސަފީރު ދެއްކެވި ވާހަކަފުޅުގައި، އައި.އެމް.އޯ. އާއެކު ގުޅުން ބަދަހިކޮށް، އެ ޖަމްޢިއްޔާގެ މަސައްކަތްތަކުގައި ހީވާގިކަމާއެކު ހަރަކާތްތެރިވުމަށް މަސައްކަތްކުރައްވާނެކަމށް ދެންނެވިއެވެ. އަދި ދިވެހި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އައި.އެމް.އޯ އާއެކު

މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ސަފީރަށް މަރުހަބާ ދަންނަވައި، މެރިޓައިމް ދާއިރާ ކުރިއަރުވުމުގައި ރާއްޖެއަށް އައި.އެމް.އޯ.ގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވިއެވެ.

17 މާރިޗް 1948 ގައި އުފެދުނު އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަކީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި އުޅަނދުފަހަރުން ކަނޑުތައް ތަޣައްޔަރުވުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އަދާކުރާ އދ.ގެ ޚާއްޞަ އިދާރާއެކެވެ. އައިއެމްއޯ އަކީ 174 މެމްބަރު ގައުމު އަދި 3 އެސޯސިއޭޓް މެމްބަރުން ގައުމު ހިމެނޭ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެ އައި.އެމް.އޯ މެމްބަރު ގައުމަކަށްވީ 31 މެއި 1967 ގައެވެ. ސަފީރު އިރުތިޝާމް އަކީ ރާއްޖެ މެމްބަރު ގައުމަކަށް ވީ ފަހުން އައި.އެމް.އޯ.އަށް އައްޔަން ކުރެއްވި ދެވަނަ ދާއިމީ މަންދޫބެވެ.

ސަފީރު އިރުތިޝާމް އާދަމްގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ މުޙައްމަދު އަޙްމަދު، ފަސްޓް ސެކްރެޓަރީ މަރްޔަމް އާސިފް އަދި ފަސްޓް ސެކްރެޓަރީ ސަރާ ޚާލިދު ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960