ޚަބަރު

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތުގެ މިއުނިކަށް ވަޑައިގެންފި

Ref: 2024/PR/36

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތުގެ މިއުނިކަށް މިއަދު ވަޑައިގެންފި އެވެ.

މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި މި ހިނގާ ފެބްރުއަރީ މަހުގެ 16 އިން 18 އަށް މިއުނިކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ 60 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ބައްދަލުވުމުގައި 16 ފެބްރުއަރީ 2024 ގައި "ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިން އަޕް ކްލައިމެޓް ފައިނޭންސް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި ދުނިޔޭގެ އެހެން އިސްވެރިންނާ އެކު މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ހަވާސާގައި އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރ ޒަމީރު ބައްދަލުކުރައްވާނެ އެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސް އޮފިޝަލުންގެ އިތުރުން އެކިއެކި ދާއިރާތަކުގެ މާހިރުން ބައިވެރިވާ ކޮންމެ އަހަރަކު ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމަކީ 1963 ވަނަ އަހަރުގެ ފަހުކޮޅު ޖަރުމަނުގެ ޕަބްލިޝަރެއް ކަމަށްވާ އެވާލްޑް ވޮން ކްލައިސްޓް ފެށްޓެވި ބައްދަލުވުމެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960