ޚަބަރު

ދުނިޔޭގެ ކަނޑު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ސްޓޭޓް މިނިސްޓަރ ޝެރީނާ ވިދާޅުވެއްޖެ

Ref: 2024/PR/33

އޮސްޓްރޭލިއާގެ ޕާރތުގައި މިއަދު ބޭއްވި 7 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ އަބްދުއްޞަމަދު ބައިވެރިވެވަޑައިގެން، 'އަވަރ ބްލޫ ފިއުޗަރ- ހައު ކޭން ދި އިންޑިއަން އޯޝަން ރީޖަން ވަރކް ވިތް އައިލެންޑް ސްޓޭޓްސް ޓު ސޭފްގަރޑް ދަ ހެލްތު އޮފް އަވަރ ޝެއަރޑް ރިސޯސަސް' މިޝިޢާރުގެ ދަށުން މި ކޮންފަރެންސްގައި ކުރިއަށްގެންދިޔަ ޕެނަލްގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ޖަޒީރާ ޤައުމުތަކަށް ކަނޑުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކަނޑުން ލިބޭ އިޤްތިޞާދީ، ޘަޤާފީ އަދި އެހެނިހެން މަންފާ ތަފްޞީލުކޮށްދެއްވައި، އެކަމަނާ ވަނީ  ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުން ގުޅިފައިވަނީ ކަނޑުގެ ދުޅަހެޔޮ ސިއްޙަތާ ކަމުގައި ހާމަކުރައްވާފައެވެ.

ކަނޑުގެ ޞިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް އިތުރަށް އަލިއަޅުއްވާލައްވަމުން ސްޓޭޓް މިނިސްޓަރ ޝެރީނާ ވަނީ މި ނުރައްކާތައް ކުޑަކޮށް، ކަނޑުގެ ނާޒުކު ދިރުން ހިމާޔަތްކުރުމަށް އަވަސް ހައްލެއް ހޯދުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން މިއީ ޤައުމުތަކުން ގުޅިގެން އުފުލަންޖެހޭ ކޮންމެ ޤައުމެއްވެސް ހިއްސާވާ ޒިންމާއެއްކަން ފާހަގަކުރައްވައި، ހަރުދަނާ ގޮތެއްގައި ދުނިޔޭގެ ކަނޑު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށްވެސް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ. 

ދިވެހިރާއްޖޭގެ ސަރަހައްދުގެ 99 އިންސައްތަ އަކީ ކަނޑުކަމުގައިވުމާއެކު އަންނަން އޮތް ޖީލުތަކަށް ކަނޑު ރައްކާތެރިކަމާއެކު ރައްދުކޮށްދިނުމަށް، ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައްވެސް ބައްދަލުވުމުގެ ބައިވެރިންނާ ސްޓޭޓް މިނިސްޓަރ ޝެރީނާ ވަނީ ޙިއްސާކުރައްވާއެވެ. މީގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަންކުރުމާއި، ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ކަނޑައެޅުމަށް ކުރެވިފައިވާ މަސައްކަތް ހިމެނެއެވެ. ނަމަވެސް  ކަނޑުން ލިބޭ މަންފާ ދެމެހެއްޓެނިވި ގޮތުގައި ކަށަވަރުކުރުމަށާއި، ކަނޑު ހިމާޔަތްކުރުމަށް ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނަކަން ފާހަގަކުރައްވައި، އެކަންކަމުން އަރައިގަތުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ އެހީއަށް ސްޓޭޓް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ. 

ނިންމަވާލައްވަމުން ސްޓޭޓް މިނިސްޓަރ ވަނީ ކަނޑު ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ދެމުންގެންދާ އަހައްމިއްޔަތު ތަކުރާރުކުރައްވާފައެވެ.

އިންޑިއަން އޯޝަންސް ކޮންފަރެންސް އަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކަށް ދިމާވާ މައްސަލަތަކާމެދު މަޝްވަރާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މިބައްދަލުވުން އިންތިޒާމުކުރުމުގައި އިންޑިއާ ފައުންޑޭޝަން އާއި އެޖަމުޢިއްޔާގެ ސަރަޙައްދީ ބައިވެރިން އިސްދައުރެއް އަދާކުރެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960