Ref: 2025/PR/78
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަތުރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދޮސަރީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްވަނީ، ސަޢޫދީ ސަފީރު ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނު ކުރެއްވި މަސައްކަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ސަޢޫދީ ޢަރަބިއްޔާ ސަފީރުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި ދިވެހި ސަރުކާރުން އެމަނިކުފާނަށް ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، މިނިސްޓަރ ޑރ. ޚަލީލްވަނީ، ސަޢޫދީ ޢަރަބިއްޔާގެ ސަފީރު އެމަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
ނިމުނީ